ދުނިޔޭގައި އެކި ކަންކޮޅުތަކަށް ފެތުރެމުން އައި ހަޞާރަތްތަކަށް ވުރެވެސް ޢުމަރު ގެފާނުގެ ޚިލާފަތުގައި ކޮށްފައިވާ ހަނގުރާމަތަކާ، ފަތަޙަކޮށްފައިވާ ޤައުމުތައް އަޅާނުކިޔޭނެއެވެ. އަދި އެހެނިހެން ހަޞާރަތްތަކުގެ ވެރިކަން މާ ގިނަދުވަހު ދެމިގެން ގޮސްފައެއްވެސް ނުވެއެވެ. ނަމަވެސް ޢުމަރު ގެފާނު ފަތަޙަކުރެއްވި ޤައުމުތަކުގައި އެކަލޭގެފާނު ގެންނެވި މަތިވެރި އަދި ރިވެތި އުސޫލުތައް މިއަދާއިހަމައަށް 1440 އެތައް އަހަރެއް ވީއިރުވެސް، ފުހެވިގެން ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.
ދުނިޔޭގެ ތާރީޚުގައިވެސް ޚަލީފާ ޢުމަރު (ރޢ) އަކީ ވަރަށް މަތިވެރި ޝަހުސިއްޔަތެކެވެ. މިއަދާއި ހަމައަށްވެސް ޢުމަރު ގެފާނުގެ ހަނދާންތައް އެކި ސިފައިގައި އާކުރަމުން ދެއެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ލީޑަރުންގެ ތެރޭގައި ޢުމަރުގެފާނު ފަދަ ބޭބޭފުޅުންގެ ސިފަތައް ކިޔަވައިދިނުމުގައި، ދުނިޔޭގެ ނަންކިޔާ އެކެޑެމީ ތަކުގައިވެސް އުގަންނައިދެމުން ގެންދެއެވެ. ޢުމަރު ގެފާނަކީ ހަނގުރާމައިގެ ފަންނުވެރިއެކެވެ. ޢުމަރުގެފާނުގެ އާރޓް އެންޑް ސައިން އިން ވޯރވެރ އަކީ މިދާއިރާގެ ޢިލްމުވެރިންގެ މެދުގައި މަޤުބޫލު ޢިލްމެކެވެ. އަދި އެންމެންގެ މަޤުބޫލުކަން ލިބިފައިވާ ވެރިއެކެވެ. އެކަލޭގެފާނަކީ ތާރީޙުންވެސް ފުހެވިގެން ނުދާނެ "ކެރިސްމެޓިކް ލީޑަރޝިޕްގެ" ޝަހުސެކެވެ.
ޢުމަރު ގެފާނުގެ ޒާތީ
ސިފަފުޅުތަކަށް ބަލާލާއިރު، އެކަލޭގެފާނަކީ ތަޤުވާވެރި، ތެދުވެރި، އިޚުލާސްތެރި،
ވަފާތެރި، އިންސާފްވެރި، އަދި މަސްއޫލިއްޔަތު އުފުލުމުގައި ހިތްވަރާއިކެރޭ ބޭފުޅެކެވެ. އަދި މީގެ އިތުރުން ވެރިއެއްގެ ހުރުން
ކޮންމެހެންވެސް ލާޒިމް ހުރިހާ ސިފައެއްހެން (leadership characters) އެކުލެވިގެންވާ ބޭފުޅެކެވެ.
ޢުމަރު ގެފާނަކީ
ޢިލްމުވެރި، ކަންކަން ދިރާސާކޮށް ދަސްކުރެއްވުމުގައި ވަރަށް މޮޅު ބޭފުޅެކެވެ. އަދި
އެހާމެ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ (orator). ކޮންމެ
ހުކުރު ދުވަހެއްގައި މަސްޖިދުލް ނަބަވީގައި ޚުތުބާ ވިދާޅުވެފައިވެއެވެ. މިޚުތުބާ
ތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް މިހަރުގެ ދީނީ ތަޢުލީމީ ނިޒާމުގެ
ތެރެއިން ކިޔަވައިދެމުން ގެންދިއުމަކީ މިކަމުގެ ހެއްކެކެވެ. އެކަލޭގެފާނުގެ
ލަޝްކަރު އެކި ސަރަހައްދުތަކަށް ފޮނުވުމުގެ ކުރިން އެމީހުންނާ މުޚާޠަބުކޮށް
އެމީހުންގެ މިޝަންއަށް ޝައުގުވެރިކޮށް ހިއްވަރުދެއްވާ (motivating soldiers) ވާހަކަފުޅުދައްކަވާފައިވެއެވެ. އަޅުގަޑުމެންނާއިހަމައަށް
އައިސްފައިވާ ގިނަލިޔުންތައް ދިރާސާކޮށްލާއިރު ފާހަގަވެގެންދަނީ ޢުމަރުގެފާނަކީ ވަރަށްމޮޅު
ލިޔުންތެރިއެއްކަމުގައެވެ. ޤައުމުގެ ކުރިމަގު ބައްޓަންކުރެއްވުމުގައި ޢުމަރުގެފާނަކީ
ސަސްޓެއިނަބަލް ޑިވެލޮޕްމަންޓަށް ވިސްނަވާ ވެރިއެއްކަން ފާހަގަކުރެވެއެވެ. ދަށުން
މަސައްކަތްކުރާ މީހުން ދެނެގަތުމުގައި ކުޅަދާނަ ބޭފުޅެކެވެ. ކަންކަމުގެ ހެވައި
ނުބައި (ethics)
ދެނެގަތުމުގައި ތޫނުފިލި ބޭފުޅެކެވެ.
ލޯ އެންފޯސްމަންޓް ގެ
ތެރެއިން ޖަޖްމަންޓުތަކުގައި މައްސަލަތަކުގެ ތަޙުޤީގުތައް ވަރަށްތަފްޞީލުކޮށް ގެންދަވައި
އެމައްސަލައެއް ނިންމަވަނީ އިންސާފުވެރިކޮށެވެ. ކަންކަމުގެ ޙަޤީޤަތް
ތެދުވެރިކަމާއިއެކު ހާމަކުރުމަށް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެކެވެ. އެކަލޭގެފާނަކީ
ހިތްވަރުގަދަ، މީސްތަކުންގެ ކުރިމަތީގައި ހަރުކަށި
ބޭކަލެއްކަމުގައި ވީނަމަވެސް ކީރިތި ޤުރުއާން ކިޔަވާ އަޑު އިވިވަޑައިގަތުމުން
މަޑުމައިތެރިކަންމަތީ އަޑުއައްސަވާ ބޭފުޅެކެވެ.
ޢުމަރުގެފާނު
ފާހަގަކޮށްލެވެނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުގަދަ ޝަހުސިއްޔަތެއްގެ
ވެރިއެއްކަމުގައި ވީނަމަވެސް އެހެން މީހުންގެ ކުރިމަތީގައި އެމީހުންނާ އެއްހަމައިގެ
އުޅުއްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. ބޮޑާކަމުގެ ސިފަ އެއްގޮތަކަށްވެސް ފާހަގައެއް
ނުކުރެވެއެވެ. އެހެން މީހަކަށް ފާޑުވިދާޅުވުމުގެ ކުރިން އެކަލޭގެފާނުގެ އަމިއްލަ
ނަފްސަށް ފާޑުވިދާޅުވުމުގައި އިސްކަމެއް ދެއްވާ ބޭފުޅެކެވެ. މިކަމުގެ ސަބަބުން
އެހެން މީހުން އެކަލޭގެފާނުގެ ރިވެތި ސިފަފުޅުތައް ދަސްކުރަމުން އައިސްފައިވެއެވެ.
ޢުމަރުގެފާނަކީ
ނަޒާހަތްތެތިކަމުގެ މަތިވެރި ސިފަ ލިބިވަޑައިގެންވާ ޝަޙުސެކެވެ. މީސްތަކުންނަށް
ކުރުމަށް އަމުރުކުރަށްވާ ކޮންމެކަމެއްވެސް އެންމެފުރަތަމަ، ލިޑް ބައި އެގްޒާމްޕަލްގެ ދަށުން އެކަމެއްގައި ޝާމިލުވެވަޑައިންގަންނަވަނީ
އެކަލޭގެފާނުކަން ފާހަކަކުރެވިފައިވެއެވެ.
މިފާހަގަކުރެވުނު ގިނަ
ސިފަފުޅުތަކަކީ އަޅުގަޑުމެން ކޮންމެ މީހަކުވެސް އޭގެން ޢިބުރަތެއް ޙާޞިލް
ކުރެވިދާނެ ސިފަތަކެކެވެ. މީގެ އިތުރުންވެސް އަދަދު ނުކުރެވޭ އެތައް ރިވެތި
ސިފަފުޅުތަކެއް ޢުމަރުގެފާނުގެ ފަރާތްޕުޅުން ފެނިފައިވެއެވެ. ވީމާ، މިފަދަ
ޝަހުސުތަކުގެ ހަނދާންތައް އާކުރުމާއިއެކު ޢިލްމީ ނަޒަރަކުން ގިނަ ދިރާސާތަކެއް
އިތުރަށްވެސް ކުރެވިދާނެކަމުގައި ދެކެމެވެ.
No comments:
Post a Comment